اَلحَمْدُ لله رَبِّ الْعَالَمِينَ والصَّلَاةُ والسَّلاَمُ عَلَي اَشْرَفِ الاَنْبِيَاءِ وَاْلُمرْسَلِيْنَ سَيِّدِنَا مُحَمَّدٍ وَعَلَي اَلِهِ وَصَحْبِهِ اَجْمَعِيْنَ ·
ޣައިބުގެ ޢިލްމަކީ ރައްބުވަންތަކަމުގެ ސިފަފުޅުތަކުގެ ތެރެއިންވާ ސިފަ އެކެވެ. އެހެންކަމުން، އުޑުތަކާއި ބިމުގެ ޣައިބު ދަންނަ ހަމަ އެކަކުވެސް ނުވެ އެވެ. ﷲ سبحانه و تعالى މެނުވީ އެވެ.
ﷲ سبحانه و تعالى ގެ ވަޙީބަސްފުޅުގެ މާނާގައި ވެއެވެ.
“އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ.” (الأنعام: 59)
އަދިވެސް އެއިލާހު سبحانه و تعالى ގެ ވަޙީބަސްފުޅުގެ މާނާގައި ވެއެވެ.
“ކަލޭގެފާނު ވިދާޅުވާށެވެ! ﷲއަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާކަމެއް ނޭނގޭނެތެވެ.” (النمل: 65)
ޖިންނީންނަށް ޣައިބު އިނގިގެން ނުވެ އެވެ. އަދި ﷲ سبحانه و تعالى ގެ ވަޙީބަސްފުޅުގައި މިކަން ސާބިތުވެގެން ވެއެވެ.
“ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް ޣައިބު އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި ޢަޛާބުގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ.” (سبإ: 14)
އެހެންވުމުން، ޣައިބުގެ ދަޢުވާވެރިންވާހުށީ މުރުތައްދުން ކަމުގައެވެ. އަދި ހަމަ އެފަދައިން، މިދަޢުވާ ޤަބޫލުކުޅަ ފަރާތްތައްމެވާހުށީ މުރުތައްދުންގެ ގޮތުގައެވެ. އެބަހީ ޤުރުއާން ދޮގުކުޅަ މީހުން ކަމުގައި ވުމުން ނެވެ.
ފަތުވާ: އަލް-އިފްތާ
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ، وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ