ސުވާލު: ސުވަރުގެ ވަންނަ 70 ހާސް މީހުންގެ ތެރޭ ރުޤްޔާ ކުރުމަށް އެދޭ މީހުން ނުހިމެނޭނެތޯ؟
ޖަވާބު ދެއްވީ: އައްޝައިޚް އަބޫ އަނަސް މުޙައްމަދު ޙަސަން (حفظه الله)
ކޮށްފައިވާ ސުވާލު ބިނާވެފައިވަނީ ނަބިއްޔާ ގެ ޙަދީޘްގެ މައްޗަށް ބިނާ ކޮށެވެ.
އެ ޙަދީޘަކީ : ޞަޙީޙައިންގައި އަދި އެހެނިހެން ސުންނަތުގެ ފޮތްތަކުގައިވެސް ވާރިދުވެގެންވާ ޙަދީޘެކެވެ. މި އުއްމަތުން އެބައެއްގެ އެއްވެސް ޙިސާބެއް ބެއްލެވުމެއްނެތި އަދި ޢަޛާބެއް ނުލިބި ސުވަރުގެ ވަންނާނެ 70 ހާސް މީހުން ބަޔާން ކުރައްވައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެ އެވެ.
އިމާމް البخاري ޞަޙާބީ عبدالله بن عباس ގެ އަރިހުން ރިވާކޮށްފައިވާ ލަފްޟުގައިވެ އެވެ. (يَدْخُلُ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ ، هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ ولَاَ يكْتَوُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ) “ތިމަން ނަބިއްޔާގެ އުއްމަތުން 70 ހާސް މީހުން އެއްވެސް ހިސާބެއް ނެތި ސުވަރުގެ ވަދެވޭނެ އެވެ. އެބައިމީހުންނަކީ މީސްތަކުންގެ ގާތުން ރުޤްޔާ ކުރުމަށް އެދޭ މީހުންނެއް ނޫނެވެ. އަދި ކަންތައްތަކުގެ ސުންޕާކަމުން -ކަންތައްތައް މެދުވެރިވާ ކަމަށް – ދެކޭނެ ބައެއް ނޫނެވެ. އަދި އެބައިމީހުންނަކީ އަލިފާނުން ކަވާ ޖަހާ ބައެއް ނޫނެވެ. (ކަވާ އަކީ އަލިފާން ބޭނުންކޮށް، ހަށިގަނަޑުގައި ފާރުވެފައި ނުވަތަ ހަލާކުވެފައިވާ ތަން ރަނގަޅު ކުރުމަށްޓަކައި ކުރާ ޢަމަލެކެވެ.) އަދި އެބައިމީހުންނަކީ ﷲ އަށް ވަކީލު ކުރާބައެއް ކަމުގައިވެ އެވެ.”
ފަހެ، އެބައިމީހުން އެއްވެސް ޙިސާބެއްނެތި ސުވަރުގެ ވަންނަ ފަރާތްތަކެއްގެ ގޮތުގައި ލެވިގެންވާ ޙިކްމަތަކީ، އެބައިމީހުން ﷲ އަށް ވަކީލު ކުރުމުގެ ފުރިހަމަކަމެވެ. ވަކީލު ކުރުމުގައި ފުރިހަމަ ކަމުގައިވުމެވެ. ﷲ އަށް ވަކީލުކޮށް އެ ކަލާނގެއަށް ބަރޯސާވެ އެކަލާނގެ ޙަޟުރަތުން އެދޭ ކަމުގައިވުމުގެ ފުރިހަމަ ކަމުން އެބައިމީހުން މީސްތަކުންގެ ކައިރިން އެކަންތައްތައް ކުރުމަށް ނޭދެ އެވެ. މީސްތަކުންގެ ކިބައިން ރުޤްޔާކުރުމަށް އެދުމަކީ، އޭގެ ޛާތުގައި ﷲ އަނެކާގެ ކުރިމަތީގައި ދެރަ ނިކަމެތި ޙާޖަތް ދައްކުވައިދޭ ކަމެކެވެ.
ފަހެ، އެބައިމީހުން ﷲ އަށް އޮތް އިތުބާރެއްގެ ބޮޑުކަމާއި، ﷲ ގެ ނިޔާއަށް ރުހި ޤަބޫލުވެފައިވާލެއް ފުރިހަމަކަމާއި، ދިމާވާ އެންމެހައި ކަންތައްތަކެއްގައި ﷲ އަށް ޙާޖަތްޖެހި، ޙާޖަތްތައް ދަންނަވައި ﷲއަށް ބަރޯސާވެ ކުއްތަންވެ، ނިކަމެތިކަން ފާޅުކުރުމުގެ ފުރިހަކަމީ އެބައިމީހުން އެއްވެސް މަޚްލޫޤެއްގެ ކައިރިން ކަންކަމަށް ނޭނދުމެވެ. ﷲއަށް ބަރޯސާވެ އެ އިލާހަށް ވަކީލު ކުރުމެވެ. ދަންނަ އެވެ. މިތަނުގައި މުހިންމުވެގެންވާ، ނުހަނު ފައިދާބޮޑުވެގެންވާ ބަސްތަކެއް ސުވާލާއި ގުޅޭގޮތުން އަދި ރުޤްޔާގެ މައުޟޫގައި ބަޔާން ކުރަމެވެ. އިސްވެ ބަޔާންވެގެންވާ ޙަދީތްގައި ޙަދީޘްގައި ބަޔާންވެގެންވަނީ ރުޤްޔާ ކުރުމަށް އެހެން މީހުންގެ ގާތުގައި އެބައި މީހުން ނޭދޭ މީހުންކަމެވެ.
ފަހެ، މި މައުޟޫގައި ރުޤްޔާކުރުމަށް އެދެވިދާނެކަންވެސް ބަޔާންވެގެންވާ ހަދީޘްވެ އެވެ.
އެއީ عن أسماءَ بنتِ عُميسٍ، قالت : يا رسولَ اللهِ ! إنَّ ولدَ جعفرٍ تُسرِعُ إليهمُ العينُ، أفأَسْترْقي لهمْ ؟ ! قال : نعَمْ ؛ فإنهُ لو كان شيءٌ سابقَ القدرَ لسبقتهُ العينُ .
މި ހަދީޘްގައިވަނީ : أسماء بنت عميس ވިދާޅުވެ އެވެ. الله ގެ ރަސޫލާ އެވެ. جعفر ގެ ދަރިކަލުން ނަށް ނުހަނު. އަވަހަށް އެސްފީނާ ޖެހެ އެވެ. (ބައެެއް ރިވާޔަތްތަކުގައި ހުރިހައި ދަރިންނަށް އެސްފީނާ އަވަހަށް ޖެހެ އެވެ.) ފަހެ، ތިންކަމަނާ އެދަރިކަލުންނަށް ރުޤޔާކޮށްދިނުމަށް އެދެމު ހެއްޔެވެ؟…..”
ފަހެ، މި އަދި މި ނޫނަސް އެހެން ޙަދީޘްތަކުން ރުޤްޔާކޮށްދިނުމަށް އެދުންވެސް ހުއްދަވެ ނަބިއްޔާ އެކަމަށް އިޤްރާރުވަޑައިގެންނެވިކަން ބަޔާންވެ އެވެ. ވުމާއެކު، އެ ގައުލުގައި އެންމެ ޢަދުލުވެރި ޤައުލު ކަމުގައިވަނީ އެ ސުވަރުގެ ވަނުމުގެ ޝަރަފުގެ އަހުލުވެރިންގެ ސިފަތަކުގެ ތެރޭގައިވެ އެވެ. އެބައި މީހުންނަކީ ބޮޑުވެގެން ވާ ޙާޖަތެއް ދިމާވުމުން މެނުވީ އެހެން މީހުންގެ ފަރާތުން ރުޤްޔާ ކުރުމަށް ނޭނދޭ މީހުންނެވެ. މިފަދައިން ބުނުމެވެ.
ފަހެ، ބޮޑު ޙާޖަތެއްއޮވެ، އެފަދަ ޙާޖަތެއް މެދުވެރި ވުމުން، ރުޤްޔާކުރުމަށް އެދުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ޙަދީޘްގައިވާ އެ ފަޟްލުން މަޙްރޫމު ނުވާނެ އެވެ. الألباني މިޙަދީޘް تخريج مشكاة المصابيح ސަނަދު ޞައްޙަ ކުރައްވާފައިވެ އެވެ.
ފަހެ، އެބައިމީހުންގެ ހިތުގައި ނަފްސުގައި ﷲއަށް އޮތް ވަކީލު ކުރުމުގެ ބޮޑުކަމުން އެބައިމީހުން އެހެން މީހުންގެ ގާތުން އެކަމަށް ނޭދެ އެވެ. ޙަދީޘްއިން އެއްވެސް ގޮތަކަށް އޭނާގެ އަމިއްލަ ނަފްސަށް އޭނާ އަމިއްލަ އަށް ރުޤްޔާ ކުރުމާއި އަދި އެހެން މީހެއްގެ ޤާތުގައި އެދުމެއްނެތި، އެހެން މީހަކު އޭނާގެ ކައިރިއަށް އައިސް ރުޤްޔާ ކޮށްދިނުމަކީ މި ޙަދީޘްގެ ދަށަށް ވަންނާނެ ކަމެއް ނޫނެވެ. ސަބަބަކީ ޞައްޙަ ޙަދީޘުން ނަބިއްޔާއަށް جِبرِيل -عليه السلام- ރުޤްޔާ ކޮށްދެއްވި ކަމާއި އަދި ނަބިއްޔާގެ އަނބިކަނބަލުން އުއްމުލް-މުއުމިނީން عائشة ރުޤްޔާ ކޮށްދެއްވިކަން ޘާބިތުވެގެންވެ އެވެ.
ނިންމާލުމުގެ ކުރިން ބަޔާން ކުރަމެވެ. އެހެން މީހެއްގެ ކައިރިން ރުޤްޔާ ކުރުމަށް އެދުމަކީ ޙަރާމްވެގެންވާ ޢަމަލެއް ނޫނެވެ. އެހެނަސް އެއީ އެންމެ އަޥްލާވެގެންވާ ގޮތާއި އެދެވިގެންވާ ގޮތާއި ޚިލާފް ގޮތެވެ. ބަލިމީހާ އަމިއްލައަށް ކުރުމާއި އަމިއްލައަށް ޝިފާއަށް އެދި ދުޢާ ކުރުމަކީ އެކަމުގައި އެންމެ ފުރިހަމަ އަދި އަޥްލާވެގެންވާ ގޮތެވެ.
( ޖަވާބު: އަލް-ބަޔާން ވައިބަރ ގްރޫޕް )