ސިޙުރުވެރިންގެ ޖަރީމާތަކުގެ ތެރެއިން ލޯބި ހާޞިލުކުރުމައްޓަކައި ނުވަތަ ލޯބިޖެއްސުމައްޓަކައި ހަދާ ސިޙުރަކީ އެސިޙުރު ރައްދުވާފަރާތަށް ހީނުކުރާކަހަލަ އިހުސާސްތަކަކާއި އުދަގޫތަކެއް ކުރުވާ ނުބައިވެގެންވީ ސިޙުރެކެވެ. އަދި މިބާވަތުގެ ސިޙުރަކީ އެސިޙުރު ހަދުވާ ފަރާތަށްވެސް އޭގެ ސައިޑް އިފެކްޓްސް ބޮޑުވެގެންވީ ސިޙުރެއްމެއެވެ. ޔައުނީ، އަނބުރާ ރައްދުވުމުގެ ފުރުޞަތު ބޮޑުވެގެންވާ ސިޙުރެކެވެ. މިސިޙުރު ހެދި ނުވަތަ ހެދުވި ފަރާތަށް އަނބުރާ ރައްދުވެއްޖެނަމަ އެކަމުގެ ސަބަބުން އެމީހަކަށް ޖިސްމާނީ އަދި ނަފުސާނީ ތަފާތު އެކިކަހަލަ ވޭންތަކާއި، އުނދަގޫތައް ތަޙައްމަލުކުރަންޖެހި ދިރިއުޅުމުގައި ބޮޑެތި ދުއްތުރާތަކާއި މުސީބާތްތައް ކުރިމަތިކުރުވައެވެ. އެހެންކަމުން މިސިޙުރު ހެދުމަށް ދިމާވާބައެއް ސަބަބުތަކުގެ މައްޗަށް ނަޡަރު ހިންގާލާނަމެވެ.

މިސިޙުރު ހެދުމަށް ދިމާވާބައެއް ސަބަބުތައް؛

  1. އަނެކާގެ ކިބައިގައި ހުންނަ ތިމާ ހިތްއެދޭ ރީތި ސިފަތަކެއްގެ ސަބަބުން ކޮންމެ ގޮތެއްހަދާފަވެސް އެމީހަކު ހާޞިލުކުރުމަށް ބޭނުންވުން
  2. ތިމާގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށްޓަކައި ދެވޭ ދައުވަތު ގަބޫލުނުކުރުމުގެ ސަބަބުން އެކަންވާކަން ނުވަތަ ކުރެވިދާނޭކަން އެމީހަކަށް ދެއްކުމުގެ ބޭނުމުގައި
  3. އަނެކާގެ ހިތުގައި ތިމާފިޔަވާ އެހެން އެއްވެސް ފަރާތަކަށް ޖާގައެއް ނުދިނުމުގެ ބޭނުމުގައި
  4. އަނބިމީހާ ނުވަތަ ފިރިމީހާ ތިމާގެ ކައިރިން ވަރިވެ ދުރަށް ދިޔަ ނުދިނުމައްޓަކައި
  5. އަނެކާގެ ފަރާތުން ދުނިޔެވީގޮތުން ލިބިދާނެ މަންފާއަކަށްޓަކައި ޔައުނީ، ދުނިޔޭގެ އިއްޒަތާއި ބާރުވެރިކަން އަދި ފައިސާއާއި މުއްސަދިކަމުގެ ދަހިވެތިކަމުގައި

އެގޮތުން ދެން މިސިޙުރުގެ އަލާމާތްތަކުގެ ގޮތުގައި ފާހަގަކުރެވިދާނޭ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވާލަމެވެ.

މިސިޙުރު މީހެއްގެ މައްޗަށް ރައްދުވެއްޖެނަމަ ފެނިދާނޭ ބައެއް އަލާމާތްތައް؛

  1. ވަކިމީހަކާމެދު އާދަޔާޚިލާފު ލޯތްބެއް ތިމާގެ ހިތުގެތެރޭގައި އުފެދުން
  2. ދެމަފިރިން އެއްދާންކުރުމުގައި އާދަޔާޚިލާފު ލައްޒަތެއްލިބި އެކަމަށް އަބަދުމެ ބޭނުންވުން
  3. އެފަދަ މީހެއްގެ އަޑު ތިމާގެ ކަންފަތުގައި ޖެހުމުން އެމީހެއްގެ ފަރާތުން އުފާތަކަކަށް ހިތްއެދުން އަދި ތިމާގެ ލޮލަށް އެފަދަ ފަރާތެއް ފެނިއްޖެނަމަ ބުނެވިދިޔަ އިހުސާސްތައް އިތުރަށް ބޮޑުވުން.
  4. ޖެހިފައިވާ ލޯތްބެއްގެ ސަބަބުން އެމީހެއްގެ ފަރާތުން އުނި އެއްވެސް ސިފައެއް ތިމާއަށް ނުފެނުން
  5. އެމީހަކާ ދުރުގައިވާ ވަގުތުތަކުގައި މާބޮޑަށް ހަދާންވެ ތިމާގެ ހަށިގަނޑަށާއި ހިތަށް ބުނެދޭން ނޭގޭކަހަލަ އުދަގޫތަކެއް އިހުސާސްކުރެވުން

މިސިޙުރު ހަދުވާ ފަރާތަށް އަނބުރާ ރައްދުވެއްޖެނަމަ ފެނިދާނޭ ބައެއް އަލާމާތްތައް؛

  1. ބައެއްފަހަރު މިސިޙުރު ހަދުވާތާ ތިނެއް ނުވަތަ ހަތަރު ވަރަކަށް އަހަރުފަހުން ތިމާ ބަލިވާންފެށުން
  2. ތިމާ ލޯބި ހޯދަންއުޅުނުމީހާ ދެކެ އިންތިހާޔަށް ފޫހިވެ ރުޅިއައުން
  3. ތިމާ ލޯބިހޯދަން އުޅުނުމީހާގެ ކަންތައްތައް ރުޅިވެރިކަމާއެކުވެސް ބަރާބަރަށް ކޮށްދެވުން. މިކަމުގެ ސަބަބުން ހިތް ނުތަނަވަސްކަން އިހުސާސްކުރެވި އުދަގޫވުން
  4. އަނބިމީހާގެ ޢާއިލާގެ މެންބަރުންގެ ތެރެއިން މަންމައާއި، ދައްތަ ނުވަތަ އަންހެން ކޮއްކޮ އަދި ބޮޑުދައިތައިން ފަދަ މީހުންދެކެ ކުރިން ނާންނަ ރުޅިއެއްއައުން
  5. އާންމުކޮށް ތިމާގެ އަންހެނުން ފިޔަވައި އެހެން އަންހެނުންދެކެ ނަފުރަތުގެ ނަޡަރަކުން ދެކެވެންފެށުން

ވިސްނާލައްވާށެވެ! ދުނިޔެވީ މިފަދަ އެދުމަކަށްޓަކައި ތިމާގެ މުޅި ޙަޔާތް، ތާއަބަދުމެ ހިތްދަތި ވޭނީ ދިރިއުޅުމުގެ އަނދަވަޅަކަށް ވައްޓައިމިލެވެނީ ތިމާ އަމިއްލައަކަށް ނޫންތޯއެވެ؟ ނަތީޖާ މި ފެންނަނީ ތިމާއަށް ކުރިން ޝައިޠާނާ ކުރަހައި ދައްކައިދިން ރީތި ތަޞްވީރުތަކުގައި މަންޒަރުތައް ފެނިގެންދިޔަ ގޮތަށްތޯއެވެ؟ ހަނދުވަރުގެ ރީތިއަލިކަން ޙަޔާތުގައި ފެނިގެންމިދަނީ ކަޅުފޮއި ރެއެއްގައި ގަދަވިއްސާރަ ކޮޅިގަނޑެއްގެ ތެރޭގައި ރިޔަލު ކުޑަ އޮޑިއެއް ބިޔަ ރާޅުތަކުގެތެރޭގައި، ދާނެ މަންޒިލެއް ނޭނގި އޮޔާދާ އުޞޫލަކުން ނޫންތޯއެވެ؟ އިންސާނާއަށް ﷲ  تعالى ބުއްދިދެއްވީ ވިސްނައިފިކުރު ކުރުމަށްޓަކައެވެ. ބުއްދީގެބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައެވެ. ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށްޓަކައެވެ. ވުމާއެކު މިފަދަ ނުބައިވެގެންވީ އެންމެހާ ކަންތައްތަކުން ސަލާމަތްވެ ރައްކާތެރި ވުމަށްޓަކައި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފޭތޯބައްލަވާށެވެ. ދުނިޔެ ދައްކާ ދަޅަތަކަށް ހެއްލިނުގޮސްވޭތޯ ބައްލަވާށެވެ.

دعاء އަކީ ﷲ  تعالى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުންދެއްވައި ސިޙުރުގެ މިފަދަ ނުބައި ޢަމަލުތަކުން ސަލާމަތްކުރައްވައި ރައްކާތެރި ކުރެއްވުމެވެ. امين

سبحانك اللهم وبحمدك نشهد أن لا إله إلا أنت نستغفرك ونتوب إليك، وآخر دعوانا أن الحمد لله ربّ العالمين

error: Content is protected !!