الحمدلله رب العالمين والصلاة والسلام على نبينا محمد وعلى آله وصحبه أجمعين
އޭރު ދިވެހިންގެ ތެރޭގައި ރުޤްޔާއޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ނޭނގުނު ނަމަވެސް ހުއްދަ ފަންޑިތަ ގިނަ މީހުން ދަނެއެވެ. ދިވެހިންގެ ތެރެއަށް ރުޤްޔާގެ ނަން އޭރު ތަޢާރަފުވެފައި ނެތްނަމަވެސް މިހާރު ދިވެހިންގެ ތެރޭގައި ތަޢުލީމީ ޢިލްމީ ޤާބިލު ބޭފުޅުން ގިނަވެ ދިވެހިންގެ ލޯތައް ހުޅުވި ކަންކަމަށް އަހުލުވެރިވާން ފަށައިފިއެވެ. އެހެންކަމުން މިއީ މިހާރު އާ ނަމަކަށް ނުވެއެވެ. އެންމެ ކުރީންސުރެންވެސް ދިވެހިންގެ ތެރޭގައި ތަފާތު ވައްތަރުގެ ސިޙުރު ހާހޫރަ އޮންނަކަން އެވޭލާ ލިޔުންތަކުން ހާމަވެއެވެ. އެހެންކަމުން ޒަމާނުއްސުރެން ދިވެހިންނަކީ ޖިންނި ޝައިޠާނުންގެ ފަރާތުން އިންސާނުންނަށް ކުރިމަތިވެގެންދާ ތަފާތު ބަލިތަކުގެ ވާހަކަތައް ދަންނަ އެކަން ޤަބޫލުކުރަމުން އައި ބައެއްކަން ހާމަވެއެވެ. ރުޤްޔާއޭ ބުނުމުން ދިވެހިންނަށް ސިފަވަނީ އޭރުގެ ހުއްދަ ފަންޑިތައެވެ. ނަމަވެސް ދީނީ ނަޒަރަކުން ކަޅި ހިންގާލުމުން މިއީ އެއަށްވުރެން ފުން މާނައެއްގައި ބޭނުންކުރެވެމުންދާ ލަފުޡެއްކަން ހާމަވެއެވެ.
ފުރަތަމަ އަޅުގަނޑު މިމަސައްކަތްކުރަނީ ރުޤްޔާގެ ކުރު ތަޢާރަފެއް ތިޔަ އެންމެހާ ކިޔުންތެރިންނަށް ގެނެސްދެވޭތޯއެވެ. ޢަރަބި ބަހުގައި ރުޤްޔާގެ ޖަމްޢަކީ ރުޤާއެވެ. ބަހުގެގޮތުން އެއީ ކަމަކުން ދުރުހެލިވުމަށްވާއިރު އިޞްޠިލާޙުގައި އެއީ އާފާތެއް ނުވަތަ މުޞީބާތެއް ޖެހިފައިވާ މީހާ އެކަމުން ސަލާމަތް ވުމަށް އެދި ކުރެވޭ ކަންތައްތަކެވެ.
ރުޤްޔާކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ކަމެއް ހުއްދަ ކަމުގައިވާނަމަ އެކަމަށް ދަލީލެއް އޮންނާނެކަން ޔަޤީނެވެ. އެހެންކަމުން އަޅުގަނޑު މިތާގައި އެކަމުގެ ދަލީލުތައް ކުރުގޮތަކަށް ބަޔާންކުރުމަށް މަސައްކަތް ކޮށްލާނަމެވެ. ބޭސްފަރުވާ ކުރުމަކީ އާ ކަމަކަށް ނުވާ މަޝްހޫރުކަމެކެވެ. ރުޤްޔާ ހިމެނިގެންވަނީ އިސްލާމީ ބޭސްފަރުވާގެ ތެރެއިންނެވެ.
رواه مسلم ގެ ޙަދީޘެއްގައި ވެއެވެ. عَنْ أَبِي سَعِيدٍ، أَنَّ جِبْرِيلَ، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا مُحَمَّدُ اشْتَكَيْتَ فَقَالَ “نَعَمْ” . قَالَ بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ . (صحيح مُسلم 2186)
މާނައީ: “މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދުރީގެ ކިބައިން ރިވާވެފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ޖިބުރީލް ޢަލައިހިއްސަލާމް ވަޑައިގެން ދެންނެވިއެވެ. އޭ މުޙައްމަދެވެ. ކަލޭގެފާނަށް އުނދަގޫފުޅެއް އިޙްސާސް ކުރެވޭތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ.” “އާދޭހެވެ.” ވިދާޅުވިއެވެ. “ﷲ ގެ އިސްމުފުޅާއެކު ކަލޭގެފާނަށް ރުޤްޔާކުރަމެވެ. ކަލޭގެފާނަށް ދުއްތުރާކުރާ ހުރިހާ ކަމަކުން ދުރުހެލިކޮށްދެއްވުން އެދި ﷲ ގެ ޙަޟުރަތުގައި ދަންނަވަމެވެ. ކަލޭގެފާނަށް ޙަސަދަވެރިވާ މީހުންގެ ޙަސަދައިންނާއި، އެސްފީނާއިން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރަމެވެ. ﷲ ކަލޭގެފާނަށް ޝިފާ ދެއްވާށިއެވެ. ﷲ ގެ އިސްމުފުޅާއެކު ކަލޭގެފާނަށް ދިމާވެފައިވާ ކަންތަކުން ދުރުހެލިކޮށްދެއްވުމަށް ދުޢާ ކުރަމެވެ.”
އަދިވެސް އެހެން ރިވާޔަތެއްގައި ވެއެވެ. فعَنْ جَابِرٍ ، قَالَ : نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الرُّقَى ، فَجَاءَ آلُ عَمْرِو بْنِ حَزْمٍ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالُوا : يَا رَسُولَ اللهِ ! إِنَّهُ كَانَتْ عِنْدَنَا رُقْيَةٌ نَرْقِي بِهَا مِنَ الْعَقْرَبِ ، وَإِنَّكَ نَهَيْتَ عَنِ الرُّقَى ، قَالَ: فَعَرَضُوهَا عَلَيْهِ ، فَقَالَ: مَا أَرَى بَأْسًا ، مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَنْفَعْهُ. (صحيح مُسلم 2199)
މާނައީ: ފަހެ މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލާ صلى الله عليه وسلم ރުޤްޔާގެ ކަންތައް މަނާ ކުރެއްވިއެވެ. ޢަމްރު ބިން ޙަޒްމުގެ ދަރިކޮޅުގެ މީހަކު ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ. ﷲ ގެ ރަސޫލާ އެވެ. ނަގުލަންދާށީގެ ކަންތަކުން ސަލާމަތްވުމަށް އަހަރުމެންގެ ތެރޭގައި ކުރާ ރުޤްޔާއެއް އޮވެއެވެ. ނަމަވެސް ކަލޭގެފާނު ރުޤްޔާކުރުން މަނާކުރެއްވިއެވެ. ޖާބިރު ވިދާޅުވިއެވެ. އެބައިމީހުން ކޮށްއުޅުނު ރުޤްޔާ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ހުށަހަޅާ ކިޔައިދިނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ.” “ތިކަމުގައި މައްސަލައެއް ނެތެވެ. ތިޔަބައިމީހުންގެ އަޚާއަށް މަންފާއެއް ކޮށްދިނުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަން ކުރާހުށިކަމެވެ.”
އަދިވެސް އެހެން ރިވާޔަތެއްގައި ޢަވްފް ބިން މާލިކިލްއަޝްޖަޢީގެ ކިބައިން ރިވާވެގެންވާ ވެއެވެ. وَعَن عوفِ بن مَالك الْأَشْجَعِيّ قَالَ: كُنَّا نَرْقِي فِي الْجَاهِلِيَّةِ فَقُلْنَا: يَا رَسُولَ اللَّهِ كَيْفَ تَرَى فِي ذَلِكَ؟ فَقَالَ: اعْرِضُوا عَلَيَّ رُقَاكُمْ لَا بَأْسَ بِالرُّقَى مَا لم يكن فِيهِ شرك. (صحيح مُسلم 2200)
މާނައީ: އަދި ޢަވްފް ބިން މާލިކިލްއަޝްޖަޢީގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. “ޖާހިލިއްޔަ ޒަމާނުގައި އަހަރުމެން ރުޤްޔާކޮށް އުޅުނީމެވެ. ތިމަންމެން ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ. މިކަމުގައި ދެކިވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ރުޤްޔާތައް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ. އެރުޤްޔާއެއްގައި ޝިރްކު އެކުލެވިގެން ނުވާ ކޮންމެ ރުޤްޔާއެއް ކުރުމުގައި މައްސަލައެއް ނެތެވެ.”
ވުމާއެކު ބަޔާންވެދިޔަ ދަލީލުތަކުންވެސް އެނގި ހާމަވެގެންދަނީ ރުޤްޔާ އަކީ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ކަމެއްކަމެވެ. ނަމަވެސް އޭގައި ޝިރުކުގެ ޢަމަލެއް ހިމެނިގެން ނުވާކަމުގައި ވަނީނަމައެވެ.
އާދެ ޢިލްމުވެރިން ރުޤްޔާ މައިގަނޑު ދެބަޔަކަށް ބަހާލައެވެ. އެއީ ރުޤްޔާ ޝަރުޢިއްޔާ އާއި ރުޤްޔާ ޝިރުކިއްޔާއެވެ. މީގެތެރެއިން އަޅުގަނޑު އެންމެ ފުރަތަމަ މިބަލާލަނީ ރުޤްޔާ ޝަރުޢިއްޔާއަށެވެ.
ރުޤްޔާ ޝަރުއިއްޔާ އަކީ الله ތަޢާލާގެ މޫރިތި އާޔަތްތަކާއި އެކަލާންގެ މަތިވެރި އިސްމުފުޅުތަކާއި ސިފަފުޅުތައް، އަދި ކީރިތި މާތްނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ސާބިތުވާ ދުޢާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ރުޤްޔާއެވެ. އަދި އެއާއެކު އެރުޤްޔާއެއްގައި ޝިރުކުގެ އެއްވެސް ޢަމަލެއް ހިމެނިގެންނުވާ ރުޤްޔާއެވެ.
ރުޤްޔާ ޝިރުކިއްޔާ (ހުއްދަނޫން ފަންޑިތަ ނުވަތަ ޝިރުކުހިމެނޭ ރުޤްޔާ) އަކީ ޖިންނި ޝައިޠާނުންގެ ފަރާތުން މަދަދާއި އެހީތެރިކަމަށް އެދޭޙާލު ކިޔެވޭ ކިޔެވެލިތަކަކާއި ގޮވާގޮވެލިތަކަކާއި ރަމަލުޖެހުމާއި ފާލުބެލުމާއި އަތްބެލުމާއި އެއްވެސް މާނައެއް ދޭހަނުވާ ގޮވެލިތަކެއް ގޮވުމާއި އަކަކުރެހުމާއި ހަށިގަނޑުގެ އެކިއެކި ތަންތާގައި ލިޔުމާއި މިފަދަ ދީނުން ބޭރުވެގެންދާފަދަ ޝިރުކުގެ އެކިއެކި ޢަމަލުތައް އޭގައިހިމެނޭ ރުޤްޔާއެވެ. އަދި ޚާއްޞަކޮށް އަޅުގަނޑުމެން މިކިޔާ ސިޙްރުގެ ހުރިހާ ޢަމަލެއްވަނީ ހުއްދަނޫން ފަންޑިތަ ނުވަތަ ރުޤްޔާ ޝިރުކިއްޔާގެ ތެރޭގައެވެ.
ދެންއޮތީ މިކަމުގެތެރޭގައި ރުޤްޔާގެ އެކިއެކި ޢިލްމުވެރިން އެބޭކަލުންގެ ތަޖުރިބާގެ މައްޗަށްބިނާކޮށް ކުރަމުންގެމެންދާ ރުޤްޔާތަކުގެ ވާހަކައެވެ. އެކިއެކި ބަލިތަކަށް ފަރުވާކުރުމުގައި ކާމިޔާބުކަމަށް އެބޭކަލުން ތަޖުރިބާކުރައްވާ އެބޭބޭކަލުން އަމިއްލައަށް ތައްޔާރުކޮށް ހަދާ ރުޤްޔާތަކުގެ ވާހަކައެވެ. މިފަދަ ރުޤްޔާއެއްގައިވެސް ޝިރުކުގެ އެއްވެސްޢަމަލެއް ހިމެނިގެންނުވާނަމަ އެއީ ހުއްދަ ރުޤްޔާއެކެވެ.
މިފަހަކަށްއައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގެތެރޭގައި ރުޤްޔާގެ ނަމުގައި، ކުރިން ދެންނެވިފަދަ ޝިރުކުގެ ޢަމަލުތަކާއެކު، އެކިއެކި ބަލިތަކާއި މުޞީބާތްތަކާއި ތަކުލީފުތައް ޖެހިފައިވާ ފަރާތްތަކަށް އެކަންތައްތަކުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް ކުރެވޭފަރުވާގެ ނަމުގައިދަނީ މިދެންނެވިފަދަ ޝިރުކުގެ އެކިއެކި ޢަމަލުތަޢް ކުރަމުންނެވެ. އަދި ޚާއްޞަކޮށް ސިޙުރުން ސިޙުރު ބާޠިލްކުރުމަށްޓަކައި ﷲ ތަޢާލާ ނަހީކުރއްވާފައިވާ ބޮޑެތިފާފަތަކުގެމަތީގައި ޤާއިމްވެތިބޭ ބައެއްގެފަރާތުން މަދަދުވެރިކަން ހޯދާކަމީ ހިތާމަހުރިކަމެކެވެ. އެފަދަ ފަރާތްތަކެއްގެ ޢަމަލުތަކުގެ ސަބަބުން އާޚިރުގައި ތިމާއަށް ކުރިމަތިވެގެންދާނީ ކޮންފަދަ މުޞީބާތެއްކަމެއްވެސް ނޭނގޭނެއެވެ. ސަބަބަކީ ސިޙުރަކުން ސިޙުރު ބާޠިލް ނުކުރެވޭނެތީއާއި، ސިޙުރު ބާޠިލްކުރުމުގެ ނަމުގައި މިބައިމީހުންވެސް ހަދަމުންމިގެންދަނީ ހަމަ ސިޙުރުތަކެއް ކަމުގައިވާކަމެވެ. ޖިންނި ޝައިޠާނުންނަށްގޮވާ އެސޮރުމެންގެ މަދަދާއި އެހީތެރިކަމާއެކު ކުރެވޭ ޝިރުކުގެ ޢަމަލުތަކެއް ކަމުގައިވާކަމެވެ. މިއީ އަޅުގަނޑުމެން މިފަދަ ފަރުރުވާއެއް ކުރުމުގެކުރިން ކޮންމެހެންވެސް ވިސްނާލުން ބުއްދިވެރި ކަމެކެވެ.
ދުޢާއަކީ ﷲ ތަޢާލާ މިފަދަ އެންމެހާ ކަންތައްތައް ވަކިކޮށް ދެނެގަތުމުގެ ހެޔޮވިސްނުން އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުމެވެ. އަދި މިފަދަ ނުބައިވެގެންވީ އެންމެހާ ޖިންނި ޝައިޠާނުންނާއި އިންސާނުންގެ ފަރާތުން އަޅުގަނޑުމެން ސަލާމަތްކުރައްވާ ރައްކާތެރިކޮށް ދެއްވުމެވެ. امين..
وآخر دعوانا أن الحمدلله رب العالمين والصلاة والسلام على نبينا محمد وعلى آله وصحبه أجمعين.