ސިޙުރަކީ އޭގައި ލޮލަށް ނުފެންނަ ރޫޙާނީ ބާރުތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ޢަރަބި ބަހުގައިވެސް “ސިޙުރު” މިލަފުޒު ބޭނުންކުރާގޮތަށް ބަލާލާއިރު ބޭނުންކުރެވެނީ ފޮރުވިފައިވާ ނުވަތަ ވަންހަނާވެގެންވާ ކަންކަން ބަޔާންކުރަން ބޭނުންކުރާ ބަހެއްގެ ގޮތުގައެވެ.
އަދި ސިޙުރުގެ އަޞްލަކީ އެއްޗެއްގެ ޙަޤީޤަތުން އެހެންގޮތަކަށް ބަދަލުކޮށްލުމެވެ. އަދި ޙައްޤުގެ މައްޗަށް ބާޠިލުނެރެ އޮޅުވާލައިގެން ދެއްކުމެވެ. ސިޙުރާބެހޭގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ “ސިޙުރަކީ ގޮށްގޮށަށް ފުމުމާއި، ކިޔެވޭ ކިޔެވެލިތަކަކާއި، ވާހަކަދައްކާ ބަސްތަކެއް ނުވަތަ ލިޔާ ބަސްތަކެއްކަމުގައެވެ. ނުވަތަ ސިޙުރުހެދޭމީހާގެ ގައިގައި ބީހުމެއްނެތި އޭނާގެ ހަށިގަނޑަށް، ނުވަތަ ހިތަށް، ނުވަތަ ވިސްނުމަށް އަސަރުކުރުވާގޮތަށް ކުރެވޭ ކަމެއްކަމުގައެވެ. ހަމަ އެފަދައިން ސިޙުރަކީ އޭގައި ޙަޤީޤަތްތަކެއް އެކުލެވިގެންވާ އެއްޗެއްކަމާއި، އޭގެތެރޭގައި މީހާ ބަލިކޮށްލާ ތަކެއްޗާއި، މަރާލާ ތަކެތި، އަދި ދެމަފިރިން ދުރުކުރާ ތަކެއްޗާއި، ދެމަފިރިން ޖިމާޢުވުމުން ދުރުކުރާ ތަކެތި ވާކަމެއް ކަމުގައެވެ. އަދި ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފައްދާ ތަކެއްޗާއި، ދެމީހަކު ގަދަކަމުން ކައިރި ކުރުވާ (ލޯބިކުރުވާ) ތަކެތިވެސް ވާކަމުގައެވެ.“
ސިޙުރުގެ ވާހަކަ ބަޔާންކުރައްވައި الله تعالى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ: (وَاتَّبَعُوا مَا تَتْلُوا الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ) (البقرة: 102) މާނައީ: “އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ.” މި އާޔަތުންވެސް އަޅުގަނޑުމެންނަށް އެނގިހާމަވެގެންދަނީ ސިޙުރަކީ ހަޤީޤަތެއްކަމާއި، އިންސާނާގެ ހިތަށާއި ހަށިގަނޑަށް އަދި ބުއްދިއަށްވެސް އަސަރުކުރުވާ އެއްޗެއްކަމެވެ. އަދި ސިޙުރު ޖެހިގެންދަނީ الله تعالى ގެ އިޒުނަފުޅާ ލައިގެންކަމެވެ.
އަބޫހުރައިރާ رضي الله عنه ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. (اجْتَنِبُوا السَّبْعَ الْمُوبِقَاتِ) قَالُوا: يَا رَسُولَ اللهِ وَمَا هُنَّ؟ قَالَ: (الشِّرْكُ بِاللهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللهُ إِلَّا بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ) މާނައީ: “ތިޔަބައިމީހުން ހަލާކުކުރަނިވި ހަތްފާފައިން ދުރުހެލިވާށެވެ.” އެބޭކަލުން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އެފާފަތަކަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. (“އެއީ، ﷲ އަށް ޝަރީކު ކުރުމާއި، ސިޙުރުހެދުމާއި، ޙައްޤަކާނުލައި ﷲ ޙަރާމްކުރެއްވި ނަފުސެއް ޤަތުލުކުރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާ (ބާޠިލުކޮށް) ކެއުމާއި، ހަނގުރާމަކުރެވޭ ދުވަހު ފުރަގަސްދީ ފިލަންދުވުމާއި، މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް (ޒިނޭގެ) ތުހުމަތުކުރުމެވެ.” [البخاري: 2766، 6857، ومسلم: 89]) މިޙަދީޘުގައި، ނަބިއްޔާ صلى الله عليه وسلم އަމުރުކުރައްވާފައިއެވަނީ ސިޙުރުން ދުރުހެލިވުމަށެވެ. އަދި އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި އެވަނީ ސިޙްރަކީ ހަލާކުކޮށްފަނިވި ބޮޑުވެގެންވާ ފާފައެއްކަމުގައެވެ. މިކަމުން ދޭހަކޮށްދެނީ ސިޙްރަކީ ޚުރާފާތެއް ނޫންކަމެވެ. ޙަޤީޤަތެއްކަމެވެ.
އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ ، أَوْ تَكَهَّنَ أَوْ تُكُهِّنَ لَهُ ، أَوْ سَحَرَ أَوْ سُحِرَ لَهُ ، وَمَنْ عَقَدَ عُقْدَةً، وَمَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ) މާނައީ: “ފާލުބަލާމީހާއާއި، އެބަލުވާމީހާއާއި، ކަހާނަތުކަން ކުރާމީހާއާއި، އެކަންކުރުވާމީހާއާއި، ސިޙުރުހަދާ މީހާއާއި، އެހަދުވާމީހާ އަހަރެމެންގެ ތެރެއިންނުވެއެވެ. އަދި ކާހިނެއްގެ ގާތަށް އައިސް އޭނާ ދައްކާވާހަކަ ތެދުކޮށްފިމީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އޭނާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ބާވައިލެއްވުނު ޝަރީޢަތަށް ކާފަރުވެއްޖެއެވެ.” (البزار: 3578 އައްސިލްސިލަތުއް ޞަޙީޙާ: 2195) މި ޙަދީޘުންވެސް އެނގޭގޮތުގައި ނަބިއްޔާ صلى الله عليه وسلم އެވަނީ ސިޙުރާއި އަދި ސިޙުރުވެރިން ކައިރިއަށް ދިއުމާއި އެބައިމީހުންގެ ވާހަކަތައް ޤަބޫލުކުރުންވެސް މަނާކުރައްވާފައެވެ.
އާދެ! ސިޙުރުވެރިންނަކީ ﷲ تعالى ގެ ޙައްޤުމަގުން އެއްކިބާވެ ޝިރުކާއި ކުފުރުގެ ޢަމަލުތަކެއްގެ މަތީގައި ޤާއިމުވެތިބޭ ބައެކެވެ. ޝައިޠާނާގެ ލޯބިހޯދާ އެސޮރުމެން ރުއްސުމަށްޓަކައި ނުބައިވެގެންވީ ޢަމަލުތަކެއްކުރާ ބައެކެވެ. އެގޮތުގެމަތިން އެސޮރުމެންގެ މަގަށް ތަބާވެ ﷲ ނޫން އެހެންފަރާތްތަކުގެ ނަންތަކުން ޤުރުބާން ކުރުމާއި، އަޖިދައަށް ކޮރުލުމާއި، އިންސާނުންގެ ކުޑަކަމުދާ ތަކެތިން ވުޟޫކުރުމާއި ޤިބުލައަށް ފުރަގަސްދީ ނަމާދު ކުރުމާއި ޤުރުއާނަށް އިހާނެތިކޮށްހިތުން ފަދަ ނުބައިވެގެންވީ އަމަލުތައް ކުރާބައެކެވެ. މިފަދަ ނުބައިވެގެންވީ ޢަމަލުތައް ގިނަކުރިވަރަކަށް އެސޮރުމެންގެ ލޯބި އެސިޙުރުވެރިއަކަށް އިތުރުވެ ސިޙުރުވެރިޔާއަށް ތަބާވާ ޝައިޠާނުންގެ ޖަމާޢަތް ބޮޑުވެގެންދެއެވެ. ވުމާއެކު ސިޙުރުވެރިޔާގެ ސިޙުރުގެ އަމަލުގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ބާރުތަކެއް ލިބިގެންދާކަމަށް އެބައިމީހުންނަށް ޤަބޫލުކުރެވިގެންދެއެވެ. އަދި އެކަމުގައި އެސޮރުމެން ޤާއިމްވެތިބެ ޤުރުބާން ވެގެންދެއެވެ. ސިޙުރުވެރިޔާގެ މަކަރުވެރި ކަމުގެތެރެއިން އެސިޙުރެއް ގިނަދުވަހަށް ދެމިގެންދާނެ ގޮތްތައް ސިޙުރުވެރިޔާ އަބަދުވެސް ވިސްނާ ބަލައި ހޯދާނެއެވެ. އެކަމުގެތެރޭގައި ސިޙުރުހޯދައި ނައްތާލަން އުނދަގޫވާނެ ހުރިހާ މަގެއް އިޚްތިޔާރު ކުރެވޭތޯބަލައެވެ. އެގޮތުގެމަތިން ކަނޑަށް ސިޙުރުހެދުމާއި ޤަބުރުސްތާނުގައި ސިޙުރު ވަޅުލުމާއި ކާންދިނުމާއި ބޯންދިނުން ފަދަ ގޮތްގޮތަށް ސިޙުރުގެ ޢަމަލުތައް ކުރެވޭތޯ ބަލައެވެ.
ވުމާއެކު މިފަދަ ފަރާތްތަކާމެދު ރައްކާތެރިވެ ދުރުހެލިވުމަށް ނަޞޭޙަތްތެރިވަމެވެ. دعاء އަކީ ﷲ تعالى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުންދެއްވައި ސިޙުރުގެ މިފަދަ ނުބައި ޢަމަލުތަކުން ސަލާމަތްކުރައްވައި ރައްކާތެރި ކުރެއްވުމެވެ. امين
سبحانك اللهم وبحمدك نشهد أن لا إله إلا أنت نستغفرك ونتوب إليك، وآخر دعوانا أن الحمد لله ربّ العالمين