الحمد الله والصلاة والسلام على رسول الله وعلى آله وصحبه أجمعين …

ރޫޙާނީ މައްސަލަތަކުގެ ވާހަކަތަކަކީ މާކުރިއްސުރެން ފެށިގެން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ތަފާތު ގޮތްގޮތައް ދެކެވެމުންދާ ވާހަކަތަކެކެވެ. ޖިންނިމޮޔަވާ މީހުންގެވާހަކަތަކަކީ މިގޮތުގެމަތިން ފާހަގަ ކޮށްލެވޭ ވާހަކަ ތަކެކެވެ. ވަލަށްގޮސް އުޅެނިކޮށް މޮޔަވި ވާހަކައާއި، އިރުއޮއްސުނު ވަގުތު އަތިރިމަތީ އުޅެނިކޮށް ގަޔަށް ބާރުތަކެއްއަރާ ގޮތްތަކެއްވި ވާހަކައާއި، ގިފިލިތެރޭގައި ފެންވަރަން ހުއްޓާ ދިމާވި މައްސަލައެއްގެ ވާހަކައެވެ. އަދި! މީހެއްގެފަރާތު ކަމެއްގެވާހަކަ އާއި ބޭރުމަތީ ކަމެއްގެ ވާހަކައިގެ ގޮތުގައެވެ. އާދެ އޭރުގަ އަޅުގަނޑުމެންނަށް އަޑުއިވެމުންދާ ބޭރުމަތީ ކަމެކޭމިބުނާ ވާހަކައަކީ މިހާރު އަޅުގަޑުމެންނަށް އަޑުއިވެމުންމިދާ އިންސާނުންނާ ޖިންނި އަވަލުން ނުވަތަ ( މައްސު ) ގެ މައްސަލައިގެ ވާހަކައެވެ.

އާދެ! މީގެ ހަޤީޤަތަށް ބަލާލާއިރު ޖިންނިއަވަލުން ނުވަތަ މައްސަކީ އިންސާނާދެކެ ޖިންނި ލޯބިވުމުގެ ސަބަބުން ނުވަތަ އެހެން ސަބަބަކާހުރެ ނަމަވެސް އިންސާނާގެ ހަށިގަނޑުގެ އެތެރެއިން ނުވަތަ ބޭރުންވިޔަސް އެސޮރުމެން ބީހޭ ބީހުމެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ފަރާތްތަކަށް ދިމާވަމުންދާ މައްސަލައެކެވެ. އަދި މިކަމަކީ ރޫޙާނީ ބަލިތަކުގެ ތެރެއިން ޙައްލުކުރަން އުނދަގޫ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަވެސް މެއެވެ. މިމައްސަލަ ދިމާވާ މައިގަނޑު ސަބަބުތަކަށް ބަލާލާއިރު ފާހަގަކުރެވެނީ އެސޮރުމެންގެ ހިތުގަ އިންސާނާއާ ދޭތެރޭގައި އުފެދޭ ޝައުޤުވެރިކަމެއްގެ ސަބަބުން، ނުވަތަ އުފެދޭ ވަރުގަދަ ލޯތްބެއް ނުވަތަ އުފެދޭ ރުޅިވެރިކަމެއްގެ ސަބަބުން ދިމާވާ ކަމެއްކަމުގައެވެ. އެގޮތުގެމަތިން ބައެއްފަހަރު އިންސާނާގެ ކިބައިގައި ހުންނަ އެސޮރުމެން ހިތްހަމަޖެހޭ ސިފައެއް ނުވަތަ ކަމެއްގެ ސަބަބުން އެސޮރުމެންގެ ހިތުގައި އިންސާނާއާ ދޭތެރޭ އުފެދޭ ޝަހުވަތްތެރިކަމަކީ މިމައްސަލަދިމާވާން މެދުވެރިވާ މައިގަނޑު އެއްސަބަބެވެ. އަނެއްބައި ފަހަރު މިހެން ދިމާވަނީ އެސޮރުމެންގެ ހިތުގައި އިންސާނާއާ ދޭތެރޭ އުފެދޭ ޢިޝްޤީ ލޯތްބެއްގެ ސަބަބުންނެވެ. އަދި އިންސާނާގެ ފަރާތުން ނޭނގިނަމަވެސް އެސޮރުމެންނަށް ދެވޭ އަނިޔާއެއް ނުވަތަ ގެއްލުމެއްގެ ސަބަބުން އެކަމުގެ ރުޅިވެރިކަމުގައި ބަދަލުހިފުމުގެ ރޫޙެއްގައިވެސް މިފަދަގޮތަކަށް އަނިޔާވެރިވާން ފަށައެވެ. އަދި ސިޙްރު ނުވަތަ އެސްފީނާ އާއި ޙަސަދައިގެ ސަބަބުންވެސް މިދެންނެވި މައްސަލަ ދިމާވެދާނެއެވެ.

މައްސު ނުވަތަ ޖިންނި އަވަލެވުމަކީ އިންސާނާއަށް ނުރައްކާތެރި އަދި ވޭންބޮޑު މައްސަލައެކެވެ. އިންސާނާގެ މުޅި ދިރިއުޅުމަށް ހުރިހާ ގޮތަކުންވެސް އެކަމުގެ ގެއްލުމާއި ހަލާކާއި ނުރައްކާ ކުރިމަތިކުރުވާ ކަމެކެވެ. އެގޮތުގެމަތިން އިންސާނާ الله ތަޢާލާ މަތިން ހަނދުމަކުރުމުން އެއްކިބާކުރުވާ، ނަމާދުތަކާއި ޤުރުއާނާ ދުރުކުރުވައެވެ. އަދި ދީނީއެންމެހާ އަޅުކަންތަކާ ދުރުކުރުމާއެކު އެކަނިވެރި ޙަޔާތަކަށް ލޯބިކުރުވައެވެ. ދެމަފިރިން ކަމުގައިވަނީނަމަ، ދެމަފިރިން ދުރުކުރުވާ ކައިވެނިމަތިން އެއްކޮށް ފޫހިކުރުވައެވެ. ކައިވެނި ނުވެވިހުރި މީހެއްނަމަ ކައިވެނިވުމަށް ހުރަސްއަޅައެވެ. ދަރިންލިބުމުން އިންސާނާ މަޙްރޫމް ކުރުވައެވެ. މައްސަރުކަންތައް އޮޅުންބޮޅުން ކޮށްލައެވެ. ރޭގަނޑުގެ އަރާމުނިދިން މަޙްރޫމުކޮށް ގޮތްނޭނގޭ ބަލިމަޑުކަމެއްގެ ތެރެއަށް އިންސާނާ ވައްޓާލާ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ގަންބާލައެވެ. އަދި ދުނިޔެއިން މޮޔަކޮށްލާވެސް ހަދައެވެ.

މިފަދަ ގޮތަކަށް ޖިންނި އިންސާނާއާ އަވަލަވައިފިނަމަ ކިތަންމެކުޑަ ހިނދުކޮޅަކަށްވިޔަސް އެސޮރުމެން އިންސާނާގެ ހަށިގަނޑާ ދުރުހެލިވެގެންދާކަށް ބޭނުމެއް ނުވާނެއެވެ. ތާއަބަދުމެ ބޭނުންވާނީ އިންސާނާއާ އެކުގައިވުމަށެވެ. މިއީ ވިސްނާލުން ބުއްދިވެރި ކަންކަމެވެ. މިފަދަ އެންމެހާ ކަންތައްތަކުން ސަލާމަތްވެ ރައްކާތެރި ވުމަށްޓަކައި ދީނުގައި ދެއްވާފައިވާ އެންމެހާ ނަޞޭޙަތާއި އިރުޝާދު ތަކުގައިހިފައި ސާބިތުވާށެވެ. ދުޢާއަކީ الله ތަޢާލާ އަޅުގަނޑުމެން އެންމެން މިފަދައެންމެހާ ކަންތައްތަކުން ސަލާމަތްކުރައްވާ ރައްކާތެރިކުރެއްވުމެވެ. “آمين”

وصل الله على نبينا محمد وعلى اله وصحبه أجمعين ولاحول ولاقوة إلابالله العلى العظيم وحسبنا الله ونعم الوكيل والحمد لله رب العالمين

error: Content is protected !!