بسم الله الرحمن الرحيم، الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين
އެސްފީނާއޭ ބުނުމުން އަޅުގަނޑުމެންގެ ތެރެއިން ގިނަބޭފުޅުންނަށް ހީވެފައި އޮންނަނީ މިއީ މާބޮޑު ސަމާލުކަމެއް ދޭންޖެހޭނެ އަދި އެހާމެބޮޑު ކަންބޮޑުވުމެއް އެކަމުގައި އެކުލެވިގެންވާ ކަމެއްނޫނެވެ. އަދި މިއީ ހަޤީގަތެއް އެކުލެވިގެންވާ ކަމެއްވެސް ނުމެ ނޫންމެއެވެ. އެއީ ސަބަބު ތަކެއްވެސް ނެތިއެއްނޫނެވެ. އެވޭލާ ޒަމާނުއްސުރެން ފެށިގެން އިވޭ ބޯދާވާހަކައެއް ކަމުގައި މިވާހަކަ އަޅުގަނޑުމެންނަށް ހީކުރެވިފައި އޮންނައޮތުމެވެ. ކީރިތި ޤްރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ އަލީގައި މިކަމުގެ މާބޮޑު ޢިލްމީ މައުލޫމާތެއް އަޅުގަޑުމެންނާ ހަމައަށް އެހާތަފުސީލުކޮށް ފޯރާފައި ނެތުމަކީވެސް އޭގެ ސަބަބެކެވެ. ނަމަވެސް މިހާރުމިވަނީ މިކަންވެސް ޒަމާނާއެކު ބަދަލުވެގެން ގޮސްފައެވެ. އެސްފީނާގެ ވާހަކަ ގަބޫލުކުރާމީހުންވެސް މަޑުމަޑުން މިވަނީ އިތުރުވާން ފަށާފައެވެ.
އާދެ! ޝައްކެއްނެތްގޮތުގައި އެސްފީނާއަކީ އޭގައި ހަޤީގަތްތަކެއް އެކުލެވިގެންވާ ކަމެކެވެ. އެކަމުގެ މައްޗަށް ރައްކާތެރިވުމަށްޓަކައި ނަސޭޙަތާއި އިރުޝާދުތަކެއް އައިސްފައިވާ ކަމެއްވެސް މެއެވެ. އިންސާނާގެ މުޅިދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުތައް އެކިގޮތްގޮތުން ކުރުވާ ކަމެކެވެ. އެހެންކަމުން އިލްމުގެ އަހުލުވެރިން އެސްފީނާގެ މާނައިގައި ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކަށް ބަލާލާނަމެވެ.
އެސްފީނާގެ ތަޢުރީފުގައި އަލް ޙާފިޒު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. “އެސްފީނާއަކީ އެދުންވެރިކަމާއެކު އެއްޗަކަށް ބަލާ ބެލުމެއްގެ ސަބަބުން، އޭނާގެ ނުބައި ނަފްސުގެ ޠަބީޢަތުގައިވާ ވިހަކަމުގެ އަޘަރު އެއްޗަކަށް ފޯރައި، އެކަމުގެ ސަބަބުން އެއަށް ގެއްލުން ލިބުމެވެ.” ( ފަތުޙުލް ބާރީ 10/200 )
ހަމައެފަދައިން އިބްނުލް މަންޒޫރު ވިދާޅުވާ ގޮތުގައި އެސްފީނާއަކީ “ލޮލުގެ ވިހަ އެއްޗަކާ އަމާޒުވެ، އެ އެއްޗަކަށް ގެއްލުން ލިބުމެވެ. މިގޮތުން ޢަދާވާތްތެރިއަކު އޭނާ އާއި ދިމާލަށް ބަލާ ބެލުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ބެލެވުނު ފަރާތް ބަލިވެ އެވެ.” ( ލިސާނުލް ޢަރަބި 13/301 )
މީގެ އިތުރުން އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. “އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭ ހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެ އެއްޗަކާ އަމާޒުވެ، އަޅައިގަނެ، އެ ނަފްސުގެ ވިހަ އެ ބަލައިލެވޭ އެއްޗަކަަށް ފޯރުވާ ފޯރުވުމެވެ.” ( ޒާދުލް މަޢާދު 4/167 )
އަދި މިކަމުގެ ހަޤީގަތް ކީރިތި ޤުރުއާނުންވެސް ފެންނަ އެބަހުއްޓެވެ.
اللہ تعالی ވަޙީކުރެއްވިއެވެ. “وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّـهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّـهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ” [ سورة يوسف : 67 ] މާނައީ: “އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި اللَّه ގެ حضرة ން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާހުށިކަމެވެ!” މުފައްސިރުންގެ ގިނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި يوسف عليهم السلام ގެ އަޚުންނަކީ ބުރުސޫރަ ރީތިވެގެންވާ އަޚުންތަކެކެވެ. އެހެންކަމުން އެބައިމީހުންނަށް އެސްފީނާގެ އަސަރެއް ކޮށްފާނެކަމަށް يَعْقُوب عليهم السلام ބިރުފުޅުގެން ވަޑައިގަތްގަތުމަކީ އެސްފީނާއަކީ އޮތް އެއްޗެއްކަން ދަލީލުކުރާ ކަމެއްކަމުގައެވެ.
އަދިވެސް اللہ تعالی ޤަލަމު ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾ وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ” ﴿٥٢﴾ [ سورة القلم : 51-52 ] މާނައީ: ”كافر ވި މީހުން قرآن ގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. عالم ތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ قرآن ނުވެއެވެ. އިބްނު އައްބާސާއި، މުޖާހިދާއި އަދި އެހެންވެސް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި ”އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އޮތް ބަސްފުޅުގެ މުރާދަކީ އެއުރެންގެ އެސްފީނާ ޖެހުމެވެ. ﷲ ގެ އިޛްނަފުޅާލައިގެން އެސްފީނާއަކީ އޮތް އެއްޗެއްކަމުގެ މައްޗަށް މި އާޔަތުން ދަލީލު އެބަލިބެއެވެ.” ( އިބުނު ކަޘީރު 4/408 )
ހަމައެފަދައިން ސުންނަތުގެ އަލީގައި މިކަމައް ލިބިފައިވާ ބައެއް ދަލީލުތަކަށް ބަލާލާނަމެވެ. މިގޮތުން ތިރީގައި މި ބަޔާންކޮށްލަނީ މިފަދަ ބައެއް ހަދީޘްތަކެވެ.
އަބޫހުރައިރާ رضي الله عنه ރިވާކުރައްވާފައި ވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”العَينُ حَقٌّ وَنَهَى عَنِ الْوَشْمِ” މާނައީ: ”އެސްފީނާއަކީ ޙަޤީޤަތެކެވެ. އަދި ޓެޓޫޖެހުން އެކަލޭގެފާނު ނަހީކުރެއްވިއެވެ.” ( ޞަޙީހް ބުޚާރީ )
އަދިވެސް ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”اسْتَعِيْذُوا بِا للهِ مِنَ الْعَيْنِ فَإِنَّ الْعَيْنَ حَقٌّ” މާނައީ: ”އެސްފީނާއަކީ އޮތް އެއްޗެކެވެ. ފަހެ، ﷲ ގެ ހަޟްރަތުން އެއިން ރައްކާތެރިވުމަށް އެދޭށެވެ!” ( އިބުނުމާޖާ، އަލް އަލްބާނީ ޞަހީހުލްޖާމިޢު )
އަބޫޛައްރު رضي الله عنه ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”إِنَّ الْعَيْنَ لَتُوْلِعُ بِالرَّجُلِ بِإِذْنِ اللهِ حَتَّى يَصْعَدَ حَالِقًا فَيَتَرَدَّى مِنْهُ” މާނައީ: ”މީހާ އުސްފަރުބަދައަކަށް އަރައި ވެއްޓިއްޖައުމަށްދާންދެން ﷲ ގެ އިޛްނަފުޅާލައިގެން އެސްފީނާ އޭނާގެ ފަހަތުން ދެއެވެ.” ( މުސްނަދް އަޙްމަދު އަދި އަބޫ ޔަޢްލާ ، އަލް އަލްބާނީ ޞަހީހުލްޖާމިޢު )
ދެންނާށެވެ! އިޚްތިޔާރަކާއި އެކުވެސް ނުވަތަ އިޚްތިޔާރަކާއި ނުލައިވެސް އެސްފީނާ ޖެހިދާނެއެވެ. މީހަކު ހިތުގައި އެއްވެސް ކަހަލަ ގޯސް ނިޔަތެއް ނެތި ބުނާ ބުނުމަކުންވެސް އެސްފީނާ ޖެހިދާނެއެވެ. ބަލައިލާ ބުލުމަކުންވެސް މެއެވެ.
އެއާ ޚިލާފަށް ހަސަދައަކީ ތިމާގެ ގަސްތަކާ ލައިގެން އެނެކާއަށް ލިބިގެންދާ ކަންތައްތަކެކެވެ. ތިމާއަށް ލިބިފައިވާނުވާ ނިޢުމަތެއް އަނެކާއަށް ލިބުމުގެ ސަބަބުން އެކަމައްޓަކައި ތިމާގެ ހިތުގައި އުފެދޭ ޙަސަދަވެރިކަމެކެވެ. ނުވަތަ ތިމާގެ ހިތުގައި އަނެކާއާއި ދޭތެރޭ އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން ތިމާއަށް ލިބޭ ނިޢުމަތެއް އަނެކާއަށް ލިބުމަށް ނޭދޭހާލުގައި ތިމާގެހިތުގައި އުފެދޭ ޙަސަދަވެރިކަމެކެވެ. މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ޤްރުއާންގައި اللہ تعالی ވަޙީކުރައްވާފައިވެއެވެ. “وَمِن شَرِّ حَاسِدٍ إِذَا حَسَدَ” ﴿٥﴾ [ سورةالفلق : 5 ] މާނައީ : ”އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.”
އެހެންކަމުން ނަބިއްޔާ صلى الله عليه وسلم ވަނީ އެސްފީނާ އާއި ޙަސަދައިން ސަލާމަތްވެ ރައްކާތެރިވުމަށް އުއްމަތަށް ނަސޭޙަތްތެރިވެ އިރުޝާދު ދެއްވާފައެވެ. އަދި މިކަމައްޓަކައި ދުޢާތަކެއްވެސް ވަނީ ދަސްކޮށްދެއްވާފައެވެ. އޭގެތެރޭގައި “أَعُوْذُ بِكَلِمَاتِ اللهِ التِّامَّاتِ مِنْ شَرِّمَا خَلَقَ” މާނައީ: ”ﷲ ހެއްދެވި އެންމެހައި ނުބައި ތަކެތީގެ ކިބައިން ރައްކާތެރިވުމަށް ﷲ ގެ ފުރިހަމަވެގެންވާ ބަސްފުޅުތަކުން ރައްކާތެރިކަން ލިބިގަންނަމެވެ.” އަދި “أَعُوْذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لاَمَّةٍ” މާނައީ: ”ﷲ ހެއްދެވި ކޮންމެ ނުބައި އެއްޗެއްގެ ކިބައިންނާއި، ކޮންމެ ވިހަ ޖަނަވާރެއްގެ ކިބައިންނާއި، ކޮންމެ އެސްފީނާއަކުން ރައްކާތެރިވުމަށް ﷲ ގެ ފުރިހަމަވެގެންވާ ބަސްފުޅުތަކުން ރައްކާތެރިކަން ލިބިގަންނަމެވެ.” ފަދަ ދުޢާތައް ހެނދުނާއި ހަވީރު 3 ފަހަރު ކިޔުމަށް ރަސޫލު ﷲ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ.
އެގޮތުން މަތީގައި ބަޔާންވެދިޔަ ހަދީޘްތަކުގެ އަލީގައި އެސްފީނާއަކީ ހަޤީގަތެއްކަމާއި ކިހައި ނުރައްކާތެރި އެއްޗެއްކަން އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެއެވެ. دعاء އަކީ ﷲ سبحانه وتعالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުންދެއްވައި، މިފަދަ އެންމެހައި ކަންތައްތަކުން ސަލާމަތްކުރައްވާ ރައްކާތެރިކުރެއްވުމެވެ. امين
سبحانك اللهم وبحمدك نشهد أن لا إله إلا أنت نستغفرك ونتوب إليك، وآخر دعوانا أن الحمد لله ربّ العالمين