އިސްބަސް

بِسْمِ اللَّهِ الرَّحْمٰنِ الرَّحِيْمِ

قَالَ اللَّهُ تَعَالَى: وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ

اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. البقرة (102).

إِنَّ الْحَمْدَ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ، وَنَسْتَغْفِرُهُ وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا مَنْ يَهْدِهِ اللَّهُ فَلا مُضِلَّ لَهُ وَمَنْ يُضْلِلْ فَلا هَادِيَ لَهُ، وَأَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ : أما بعد

މެތުރުން ޕޭޖުގެ ލޮބުވެތި ކިޔުންތެރިން ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ،

ކާއިނާތުގެ ވެރި އިލާޙު ހަތްއުޑުމަތިން އެއިލާހުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރަތަމަ ވެސް އަންގަވާފައިވަނީ “إقرأ” މާނައަކީ “ކިޔަވާށެވެ”. އިސްލާމްދީނުގެ ފެށުމަކީ ޢިލްމެވެ. އެދީން ދަސްވާނީ އެޢިލްމު އުނގެނިގެންނެވެ. ނަބިއްޔާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. “ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ.” އެހެންކަމުން އިސްލާމްދީން އައުމަށްފަހު ފުރިހަމަ ޙަޟާރަތެއް ޤާއިމްވެގެން ދިއުމުގެ އެންމެ ބޮޑު އަޞްލަކީ ޢިލްމެވެ. އެ ޙަޟާރަތުގެ ދަންމަރު ކަމުގައިވީ ޢިލްމު އުނގެނުމާއި ޢިލްމު ފޯރުކޮށްދިނުމެވެ.

އެ އުސޫލުގެމަތިން اللہ تعالی އިންސާނާއަށް ދެއްވި ކުޑަކުޑަ ޢިލްމުގެ ތެރެއިން އިންސާނާއަށް އޭނާގެ ޙަޔާތުގައި ދިމާވާ އެކިކަހަލަ ރޫހާނީ ބަލިތަކާއި ޖިސްމާނީ އަދި ނަފުސާނީ ބަލިތައްވަނީ ހޯދައި އުނގެނި ދަސްކޮށްފައެވެ. އަދި މިފަދަ މުޞީބާތްތްކުން اللہ تعالی ގެ ހެޔޮ ރަޙްމަތާއެކު ސަލާމަތްވެ ރައްކާތެރި ވުމައްޓަކައި ކުރެވިދާނެ ބޭސްވެރިކަމުގެތެރެއިން މުސްލިމުންވަނީ ކުރިއަރާ ކާމިޔާބީތަކެއް ހާސިލް ކޮއްފައެވެ. މިކަމުގެ އެންމެބޮޑު ސިއްރަކީ މުޅި އިންސާނީ އުއްމަތަށް ރަޙްމަތާއި ޝިފާއެއްކަމުގައި اللہ تعالی ހަތް އުޑުމަތިން ބާއްވައިލެއްވި ކީރިތި ޤްރުއާނުގެ މަތިވެރިކަމާއި ފަތްޕިލާވެލީގައި އެކަލާނގެ ލައްވާފައިވާ އެކިއެކި ބަލިތަކުގެ ޝިފާއެވެ. މި ދެއްނެވި ކަންތައްތަކުގެ މައްޗަށް ނަޒަރުހިންގާލާ އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ޙާލަތާއި ދޭތެރޭ ވިސްނާލާއިރު މިއަދުމިވަނީ ހިތަށް ގެންނަންދަތި ހާލަތެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި ކުޑަކުޑަ މުސްލިމް މުޖުތަމަޢު ތެރޭގައި ސިޙުރު ހާހޫރަ އާއި އެސްފީނާ ޙަސަދަ އަދި ޖިންނި ޝައިޠާނުންގެ ފަރާތުން ކުރިމަތިވެގެންދާ ތަފާތު ބަލިތަކުގެ ޝިކާރައަކަށް ވަކި ވަކި ފަރުދުންނާއި ޢާއިލާތައްވުން މިވަނީ ޢާއްމުކަމަކަށް ވެފައެވެ. މިފަދަކަންކަމުގެ ސަބަބުން ޢާއިލާތަކުން ތަޙައްމަލް ކުރަމުންދާ ހިތްދަތި ވޭނީ ދިރިއުޅުމުގެ ވާހަކަތަކަކީ ތަކުރާރުކޮށް ކޮންމެދުވަހަކުވެސް ކަންފަތުގައި ޖެހިގެންދާ އަޑުތަކެކެވެ. ޢާއިލާތައް ރޫޅުމާއި، ރަނގަޅު ހަމަޖެހޭ ޒަވާޖީޙަޔާތެއް ނުލިބި ދިރިއުޅުން ބޮއްސުންލައިގެންދާކަމުގެ އަސަރުން ފުރިގެންވާ ވާހަކަތަކުގެ އަޑުތަކެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކޮށް ފައިސާ އާއި މުދާ ހޯދިކަމުގައިވިޔަސް ފެންނަން ނޯންނަކަމުގެ ޝަކުވާއާއި ހިތްފަޅައިގެންދާވަރުގެ  މިފަދަ އެތައް އެތައް  ވާހަކަތަކުގެ އަޑުތަކެވެ. މީގެއިތުރުން، މިހާރުގެ މުޖުތަމަޢު ތެރެއަށް ފުންކޮށް ނަޒަރު ހިންގާލާއިރު ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ބަލިކަށިވެ، ޢުމުރުގެ ބާކީބައިގައި ކޮންމެދުވަހަކުވެސް ގިނަ ޢަދަދެއްގެ ބޭސްތަކެއް ކާން ޖެހިފައިވާ މެންބަރެއްނެތް ޢާއިލާއެއް ނެތޭ ދެންނެވުމަކީވެސް ދޮގަކަށްނުވާނެކަން ކަށަވަރޭ ބުނަން މިޖެހެނީ އެކަމާ ވަރަށް ހިތާމަކުރާ ހާލުގައެވެ. ހަމައެހެންމެ، ކިޑުނީ ފެއިލްވުމާއި، ލިވާރ ހަލާކުވުމާއި، ކެންސަރުފަދަ ބޮޑެތިބަލިތަކާއި، ދަރިމައި ނުވުމުގެވާހަކައާއި ހަމުގެ އެކިއެކި ބަލިތައްފަދަ އެތައް ބައްޔެއް ތަޙައަމަލް ކުރަމުންދާ ވާހަކަތަކަކީވެސް އަޅުގަނޑުމެން އެކަމާ ފަރުވާ ކުޑަކޮށް އަޅާނުލައި ދޫކޮށްލާވަރައްވުރެން، ވިސްނާލަންޖެހޭވަރުގެ ބޮޑެތި ވާހަކަ ތަކެކެވެ.

ވުމާއެކު އަޅުގަނޑުމެންގެ އެންމެބޮޑު އެއް މަޤުޞަދަކީ ރޫޙާނީ އެންމެހާ ބަލިތަކާއި އަދި ޑޮކްޓަރީގޮތުން ދިމާވާ އެކިކަހަލަ ބަލިތަކުގައި ޢާއްމުން ހޭލުންތެރި ކުރުވައި، މިފަދަ ބަލިތަކަށް ކީރިތި ޤުރުއާނުންނާއި ލޮބުވެތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ އަލީގައި ރުޤްޔާގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހަމައެހެންމެ، ދިވެހި ގަދީމީ ބޭސްވެރިކަމުގެ ތެރޭގައި ހިމެނޭ ފަތްޕިލާވެލީގެ ތަފާތު ފަރުވާތަކުން، މިދެންނެވިފަދަ ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ﷲ ގެ ވާގިފުޅާއިއެކު އިތުރު އުންމީދަކާއި ދިރުމެއް ގެނެސްދެވޭތޯ މަސައްކަތް ކުރުމެވެ.

އަޅުގަނޑުމެންގެ ދުޢާ އަކީ ﷲ سبحانه وتعالى އަޅުގަނޑުމެންގެ ހިތްތައް އަލިކުރައްވައި ހެޔޮވިސްނުން ދެއްވުމެވެ. އަދި މި ލިޔުންތައް ކިޔާ ބަޔަކަށް ފައިދާ ކުރާނެހެން ކިޔާ ހިތްވާ ގޮތަކަށް ގެނެސްދީ ފުރިހަމަ ކުރުމުގެ ހެޔޮ ތައުފީޤު  މިންވަރުކުރެއްވުމެވެ. اللہ تعالی އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކުރިއަށްދިއުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާންދޭވެ.  އަދި އަޅުގަނޑުމެންގެ ޢިލްމު ތަނަވަސްކުރައްވާންދޭވެ. މިފަދަ ބަލިތައް ތަޙައްމަލް ކުރަމުންދާ ފާރާތްތަކަށް އަޅުގަނޑުމެންގެ އަތްމަތިން އިބަ އިލާހުގެ ރަޙްމަތާއެކު ޝިފާ މިންވަރު ކުރައްވާންދޭވެ. امين

وَالْحَمْدُ لِلَّهِ أَوَلاً وآخِرًا، وَظَاهِرًا وَبَاطِنًا، وَصَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِه وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإحْسَانٍ إِلَى يَوْمِ الدِّينِ

error: Content is protected !!