اَلحَمْدُ لله رَبِّ الْعَالَمِينَ والصَّلَاةُ والسَّلاَمُ عَلَي اَشْرَفِ الاَنْبِيَاءِ وَاْلُمرْسَلِيْنَ سَيِّدِنَا مُحَمَّدٍ وَعَلَي اَلِهِ وَصَحْبِهِ اَجْمَعِيْ·
ބަލިތަކަށްވާ ޝިފާއެއްކަމުގައި ޙިޖާމާ ލެއްވި ފަރާތަކީ އެފަދަ ދެވަނަ ޙަކީމަކުނުމެވާ ކަށަކުޅަދުންވަންތަ އިލާހެވެ. އެއިލާހުގެ ނަންފުޅުތަކުގެ ތެރެއިން الشافي ވެއެވެ. ޔައުނީ، ބަލިތައް ފަސޭހަކުރައްވަވާ ޝިފާ މިންވަރުކުރައްވާ އިލާހު އެވެ.
ދަންނާށެވެ! ސިޙުރުގެ އަސަރު ބަލިމިހާގެ ބޮލުން ފާޅުވާނަމަ ޙިޖާމާ ޖެހުމުގެ ހުނަރާއި ތަމްރީނު ލިބިފައިވާ ފަރާތެއްގެ އެހީތެރިކަމާއި އެކު ސިޙުރުގެ އަސަރު ހުރިތަނަކުން ޖަމާވެފައިވާ ތަޤައްޔަރު ލޭތައް ބޭރުކުރުކޮށްލުމުން އެކަމުގައި ފައިދާ ކުރެތެވެ. ހަމަ އެހެންމެ، އެންމެހާ ރޫހާނީ ބައްޔަކަށްމެ ޙަކީމީ ބައްޔާއި ޑޮކްޓަރީ ބަލިތަކަށް ހިޖާމާ ޖެހުމުން ފައިދާ ކުރާފަދައިން އޭގެ ފައިދާ ބޮޑުކަމުގައި ހެޔޮވެގެން ވެއެވެ. އެހެނީ، އޭގެ ފައިދާތަކުގެ ތެރެއިން ވެއެވެ.
ﷲ ގެ ރަސޫލާ صَلَّىٰ ٱللهُ عَلَيْهِ وَآلِهِ وَسَلَّمَ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.
“ތިޔަބައިމީހުން ޝިފާހޯދުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން އެންމެ ހެޔޮވެގެންވާ އެކައްޗަކީ ޙިޖާމާ އެވެ.” (އަބޫ ދާޥޫދު – ސަޙީޙް)
“ނަބިއްޔާ صَلَّىٰ ٱللهُ عَلَيْهِ وَآلِهِ وَسَلَّمَ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅަށް، ބޮލުގެ ކުރިމައްޗަށާއި ދެ ބޮނބިފަޅީގެ މެދަށް ހިޖާމާ ޖައްސަވަތެވެ.” (އަބޫ ދާޥޫދު – ސަޙީޙް)
ރަސޫލުﷲ صَلَّىٰ ٱللهُ عَلَيْهِ وَآلِهِ وَسَلَّمَ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.
“މީހަކު ހަނދުމަހުން 17، 19 އަދި 21 ވަނަ ދުވަހު އެނާގެ ނަފްސުގެމަޗަށް ހިޖާމާ ޖަހައިފިނަމަ އެންމެހާ ބަލިތަކަށް ޝިފާއެއްކަމުގައި އެޢަމަލު ވެތެވެ.” (އަބޫ ދާޥޫދު – ޙަސަން)
އަދިވެސް އެކަލޭފާނު صَلَّىٰ ٱللهُ عَلَيْهِ وَآلِهِ وَسَلَّمَ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.
“ހައިބަނޑާއިހުރެ ހިޖާމާ ޖެހުން ހެޔޮކަން ބޮޑުވެގެން ވެއެވެ. އަދި އޭގައި ބަލިފަސޭހަވުމާއި، ބަރަކާތް ލެވިގެން ވެއެވެ. ހިޖާމާއިން ތޫނުފިލިކަން އިތުރުކޮށް، ހަނދާންގަދަކޮށް ދެތެވެ.
ތިޔަބައިމީހުން ﷲ سبحانه و تعالى ގެ ރަޙްމަތަށް އެދި ބުރާސްފަތި ދުވަހު ހިޖާމާ ޖަހާށެވެ. އަދި ބުދަ ދުވަހާއި ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހުގައި ހިޖާމާ ޖެހުމުން ދުރުވުންހުއްޓެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހުގައި ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ހިޖާމާ ޖަހާށެވެ. އެހެނީ، އަންގާރަ ދުވަހަކީ ﷲ سبحانه و تعالى އައްޔޫބު عَلَيْهِ ٱلسَّلَامُ އަށް ޖެހިވަޑައިގަތް އިމްތިހާނު އުފުއްލައްވައި ޝިފާ މިންވަރުކުރެއްވެވި ދުވަހެވެ. އަދި އެކަލޭގެފާން އަށް އިމްތިހާނު ޖެހިވަޑައިގެންނެވީ ބުދަ ދުވަހުގައެވެ. ޖުޒާމް ބަލި ފާޅުވެގެން ވަނީ ބުދަ ދުވަހުގައި ނުވަތަ ބުދަވިލޭރެއިން ނެވެ.” (އިބްނު މާޖާ، އައް-ސަޙީހަ)
ލޮބުވެތި ކިޔުންތެރިން! އަޅުގަނޑުމެން ޙަކީމީ ބޭހާއި ޑޮކްޓަރީ ބޭސް އަދި ޒަމާނީ ސައިންސްގެ ޢަލީގައި ފަރުވާ ކުރުމަށް އެދޭފަދައިން ﷲ سبحانه و تعالى މި ޝަރިޢަތުގައި ބޭސްފަރުވާ ކުރުމަށް ލައްވަވާފައިވާ އެންމެހާ ބާބެއްގެ ތެރެއިން އެއިލާހުގެ ރަޙްމަތަށް އެދުން ހެޔޮކަން ބޮޑުވެގެން ނުވޭތޯ؟ އެހެނީ، ޙާކީމީ ބޭހާއި، ޑޮކްޓަރީ ބޭހާއި، ޙިޖާމާއާއި، ޒަމްޒަމް ފެނާއި، ރުޤްޔާ އަދި ކީރިތި ޤުރުއާންގައި ޝިފާ މިންވަރުކުރައްވަވާ ފަރާތަކީ ހަމަ އެއިލާހެވެ. މި އެންމެހާ ތަކެތިން އެއިލާހު ބަރަކާތް އުފުލައިފިނަމަ އެތަކެތިން ކިތަންމެވަރަށް ފަރުވާކުރިނަމަވެސް އޭގެން ކުރާނޭ ފައިދާއެއް ނޯންނާ ނެއެވެ. އަދި ކިއެއްތަ! އެތަކެއްޗަކީ ދިމާވެފައިވާ ބަލިމަޑުކަން އިތުރުކޮށް ބޮޑުކުރާ އެއްޗެއްގެ ގޮތުގައި މެނުވީ ނުމެވާ ނެއެވެ.
އެހެންކަމުން، މި އެންމެހާ ވަސީލަތްތަކުން ބޭސްފަރުވާކުރުމަށް އެދޭމީހާގެ ޢަޤީދާގައި އެތަކެއްޗަކީ އޭގެ ޒާތުގައި ބަލި ފަސޭހަކުރުމުގެ ސިފަ ލިބިގެންވާ ތަކެތި ނޫކަން ޤަބޫލުކުރަންޖެހެއެވެ. ހަމައެހެންމެ، ޙަކީމުންނާއި ޑޮކްޓަރުންނާއި ސައިކޮލަޖިސްޓުނާއި ރާޤީން (ރުޤްޔާކޮށްދޭ މީހާ) އަދި ޙިޖާމާ ޖަހައިދޭމީހާ އަކީ ވެސް ބަލި ފަސޭހަކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ބައެއްނޫންކަމެވެ. އަދި ކިއެއްތަ! އެބައިމީހުން ކުރާ ފަރުވާގައި ބަރަކާތާއި ޝިފާ މިންވަރުކުރައްވަވާ ފަރާތަކީ ކީރިތިވަންތަ ﷲ سبحانه و تعالى ކަމެވެ. އެއިލާހު އިރާދަކުރައްވަވާ ވަގުތެއްގައި އެއިލާހު އިރާދަކުރައްވަވާ ފަރާތެއްގެ އަތްމަތިން ބަލިމީހާ އަށް ޝިފާ މިންވަރުކުރައްވަތެވެ. އަދި އެއިލާހު އިރާދަކުރައްވަވާނަމަ ޙައްޤު ގޮތުގައި ބަރޯސާވެ، އެއިލާހު އެކަނި ފުދިގެންވާ އަޅުތަކުންނަށް ޝިފާ މިންވަރުކުރައްވަވާ ބަލިފަސޭހަ ކުރައްވަތެވެ.
އެހެނަސް، ޝަރުތުވެގެން ވެއެވެ. ބަލިތަކަށް ފަރުވާކުރާ މިހާއާއި، ފަރުވާކޮށްދޭ މީހާގެ ޢަމަލުތަކާއި ހޯދާފަރުވާ އަދި ކޮށްދޭފަރުވާ އަކީ ބޭސްވެރިކަމުގެ ބާބުގައި ލެވިގެންވާ އެންމެހާ އުސޫލުތަކާއި، ޤަވައިދުތަކާ ހުދޫދުތަކުގެ ތަރަހާގައި ކުރެވޭ ކަންކަން ކަމުގައިވުމެވެ. އަދި މިފަރުވާތަކަކީ އެބާބުގައި އެކަންކުރުމަށް އިރުޝާދު ދެވިގެންވާ ހަމަތަކުގެ މަތީގައި ޤާއިމުކުރެވިފައިވާ ފަރުވާތަކެއްކަމުގައި ވުމެވެ. އެހެނީ، ފުރެދުމަކުން ހެޔޮފާލެއް ނުކުމެދާނޭކަމުގައި ޤަބޫލުކުރާނީ ޖާހިލެކެވެ.
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ، وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ