މެތުރުންގެ އެކުވެރިންނޭ! އިންސާނީ ކަރާމަތަށް ކުރިމަތިވާ އެންމެހާ ގިލަންވެރިކަމެއްގެ އަޞްލަކީ، ހަމަ މިޟަޢީފު އިންސާނާކަން ދަންނާށެވެ. އޭނާގެ ކިބުރުވެރިކަމާއި ބޮޑާކަމެވެ. ޙަސަދަވެރިކަމާއި، ޢަދާވާތްތެރިކަމެވެ. މަގުފުރެދުމާއި ފަސާދައެވެ. އެހެނަސް، މިކަން ދެނެތިބީ ކިތައް އިންސާނުންތޯ؟  އެހެނީ، ﷲ سبحانه وتعالى ގެ ވަޙީ ބަސްފުޅުގައި ވެތެވެ.

وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ

“އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ ހަމަ އިޞްލާޙު ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.”

ހަމައެކަނި މިއާޔަތުގެ މައްޗަށް ފިކުރުކޮށް، ނަޒަރުހިންގާ ބަލައިފި ކޮންމެ އިންސާނަކަށްމެ ފަހުމުވެދާނެއެވެ. ޔައުނީ، މިޟަޢީފު އިންސާނާގެ އަމިއްލައެދުމާއި ދަހިވެތިކަމެވެ. އެކަމަށްޓަކައި މިއިންސާނާ ހެއްދެވި އިލާހު ޙަޟްރަތުގައި ވެސް ބަހުސްކުރުމާއި، ޖަދަލުކުރުމަށް ލަދުވެތިވެގެން ނުވާކަމެވެ.

ދެންފަހެ، މިބައި މީހުން ފަދަ އެހެން އިންސާނުންނާ މެދު ކަންކުރާނީ ކޮންބީދައަކުން ހެއްޔެވެ؟ މީސްތަކުންނަށް އެސްފީނައާއި ޙަސަދަލުމެވެ. ފަންޑިތައާއި ސިޙުރު ހެދުމީ މިބިންމަތި ފަސާދަކުރުން ނޫންތޯ؟ މިފަދަ އަނިޔާވެރި ޢަމަލުތަކުގެ ޝިކާރައަކަށްވެ ނިމިދަނީ ކިތައްކިތައް ޒިންދަގީ ހެއްޔެވެ؟ ޢާއިލާތައް ރޫޅި، ދިރިއުޅުން ވީރާނާވެފައެވެ. މުދަލާއި ލައްޒަތު ގެއްލި ނިކަމެތިކަމާއި ފަކީރުޙާލުގައެވެ. ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ގެއްލި ބަލިމަޑުކަމުގައެވެ. މިއީވެސް ބައެއްގެ ޙާލަތެވެ.  އެހެނަސް، މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ހިތަށް ކުޑަވެސް އަސަރެއްކުރޭބާ؟ އެހިތްތަކުގާ ރަޙްމާއި، ޙަމްދަރުދީވެސް ނުހިނގަނީބާ؟ އަދި ކިއެއްތަ! އެބައި މީހުންގެ ކައިރިއަށް މިއަނިޔާވެރި ޢަމަލުތަކުގެ އަވައިގާޖެހި ހިނގާ މީހުންނީވެސް މިޖަރީމާގެ ބައިވެރިންނެވެ.

ދެންފަހެ، ކޮންމެ އިންސާނަކުވެސް ކުރިމަތިލާންޖެހޭ ޙަޤީޤަތެއްވެއެވެ. ޒުވާނުންނާއި މުސްކުޅިންނެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ފަޤީރުންނައި މަހުޖަނުންނެވެ. މަސްޢޫލުވެރިންނާއި ބޮޑުންނެވެ. ޤައުމުތަކުގެ އަފްރާދުންނާއި މުޖުތަމަޢުތަކުގެ ފަރުދުންމެއެވެ. އެހެނީ،

إِنَّ إِلَيْنَآ إِيَابَهُمْ

“ހަމަކަށަވަރުން، އެއުރެން އެނބުރި އައުނވަނީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.”

إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ

“ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ.”

އަޅެފަހެ، މިކަން ނުދަންނަނީ ހެއްޔެވެ؟ ނޫނީ ޙައްޤުޤެ މައްޗަށް ހަވާނަފްސާއި ބާޠިލު އިސްކުރަނީތޯ؟ ޖާހިލުކަމާއި ޣާފިލުކަމުގެ ނިދިންހޭލާ ނަފްސު ޠާހިރުކުރަން އަދިވެސް ނުވޭބާ؟ ބޮޑާކަމާއި ކިބުރުވެރިކަން މަތީ ތިބެވޭނީ ކިހާދުވަހަކުތޯ؟ ތިބާ، ﷲ އާއިމެދު ތިހީކުރަނީ ކޮންފަދައަކުން ހެއްޔެވެ؟ ތިޔަފަދަ ޢަމަލުތަކެއް ކޮށްގެން އެއިލާހުގެ އަޒަލުގައި ތިބާއަށް ލިޔުއްވާފައިވާ މިންވަރަށްވުރެއް އިތުރަށް ޖަހައިގަނެ ފޭރިގަނެވިދާނޭކަމަށް ހެއްޔެވެ؟ ހަމަހިލާ އެހެނަކުން ނުމެވާނެއެވެ. ޙަދީޘް ބަސްފުޅުގައިވެތެ.

أَنَّ الْأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيءٍ، لَمْ يَنْفَعُوكَ إِلَّا بِشَيءٍ قَدْ كَتَبَهُ اللَّهُ لَكَ

“ހަމަކަށަވަރުން ތިބާއަށް މަންފާއެއް ކޮށްދިނުމަށް މުޅި އުއްމަތް އެއްބައިވި ކަމުގައި ވިޔަސް، ﷲ ތިބާއަށްޓަކައި ލިޔުއްވި އެއްޗަކުންމެނުވީ އެބައިމީހުންނަށް ތިބާއަކަށް މަންފާއެއްކޮށެއް ނުދެވޭނެއެވެ.”

ވުމުން، މިޟަޢީފު އިންސާނާއަކީ، އެއްވެސް އާރެއްބާރެއް ލިބިގެންވާ ފަރާތެއްނޫނެވެ. މިކާއިނާތުގެ އެންމެހާ ކަންކަން ތަދުބީރުކުރައްވާ ފަރާތީ ހަތްއުޑުމަތީގައިވާ ޢަރްޝީގެ ވެރިރަސްކަލާނގެ ކަމުގައި ދަންނާށެވެ. އެއިލާހުގެ އިޛްނަފުޅާނުލައި ހުދު ތިބާގެ ނަޒަރުވެސް ހިންގާނުލެވޭނެއެވެ. އެހެންވުމުން، ތިބާޔަށް ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން ޙާޞިލްކުރެވޭނެ ފާގަތިކަމެއް ނޯންނާނެއެވެ. دعاء އަކީ ﷲ سبحانه وتعالى އަޅަމެންގެ ތެރެއިންވާ ޢަދާވާތްތެރިންނަށް ޙިދާޔަތާއި، ތެދުމަގު ދައްކަވައި އެބައި މީހުންގެ މަކަރުވެރިކަމާއި، އަނިޔާވެރިކަމުން އަޅަމެން ސަލާމަތްކޮށް ދެއްވުމެވެ. امين

سبحانك اللهم وبحمدك نشهد أن لا إله إلا أنت نستغفرك ونتوب إليك، وآخر دعوانا أن الحمد لله ربّ العالمين

error: Content is protected !!